މި އަޑު އިވިވަޑައިގަންނަވާ އެންމެހާ ދިވެހި ރައްޔިތުންގެ ސަމާލުކަމަށް އެދެމެވެ. ތިޔަ އެންމެހާ ބޭފުޅުންނަށް އެގިވަޑައިގަންނަވާނެ ފަދައިން އައްޑުއަތޮޅަށް ފަތުރުވެރިކަން ގެނެވުނީ އެތައް އަހަރުތަކެއްގެ އުއްމީދަށްފަހުގައި އެކަން ދެން ނުވާނޭކަން ޔަޤީންކޮށް ސަރުކާރަށް ފާޑު ކިޔަމުން ރައްޔިތުން ދިޔަ ވަގުތެއްގައެވެ. އައްޑުއަތޮޅުގެ ރައްޔިތުންނަކީ ފަތުރުވެރިކަން ދަންނަ، އެކަމަށް މޮޅު، ފަތުރުވެރިކަން ހިންގޭނެ ބައެއްކަން ހަމަ ޔަޤީނެވެ. މިހެންވެގެންނާއި، އަދި އައްޑުއަތޮޅަށް އިޤްތިޞާދީ ތަރައްޤީ ނުހަނު ބޮޑަށް ބޭނުންވެފައިވާތީ، އައްޑުއަތޮޅުގެ ރައްޔިތުންވަނީ އެތައް އަހަރުތަކެއް ވަންދެން ފަތުރުވެރިކަން ގެނައުމަށް ސަރުކާރުގައި ތަފާތު ގޮތްގޮތަށް ދަންނަވަމުން ގެންގޮސްފައެވެ. ރައީސުލްޖުމްހޫރިއްޔާ އަށް ތަކުރާރުކޮށް ދެންނެވުނެވެ. އެކި އެކި ވަޒީރުންގެ ކިބައިން އެކަމަށް އެދެވުނެވެ. އަތޮޅުވެރިންނާ ކަތީބުން އެކަމާ އުޅުއްވިއެވެ. އާދޭހުގެ އެތަކެއް ސިޓީ ސަރުކާރަށް ފޮނުވުނެވެ. އަދި އެންމެފަހުން އައްޑުއަތޮޅަށް ފަތުރުވެރިކަން ގެންނަން ބޭނުންވެގެން މަގުމައްޗަށް ނުކުމެ މުޒާހަރާވެސް ކުރީމެވެ.
އައްޑުއަތޮޅަށް ފަތުރުވެރިކަން ގެނައުމަށް ފެންބޮވައިގެންފައިވަނިކޮށް، ހެރެތެރެ ރިޒޯޓް ތަރައްޤީކުރެވި، އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވި، ޔޫރަޕުން ފަތުރުވެރިން ގޮވައިގެން އައި ބޮޑު މަތިންދާބޯޓް އަޅުގަނޑުމެންގެ ފަޚުރުވެރި ބަނަދަރަށް ތިރިކޮށްލީ، އަޅުގަނޑުމެންގެ ލޯތަކުން އުފާވެރިކަމުގެ ކަރުނަ ފާއްދަމުންނެވެ. އެދުވަހު އަޅުގަނޑުމެންގެ ކުދި ބޮޑު އެންމެންގެ ހިތްތަކަށް ފެންނަމުން ދިޔައީ ހެރެތެރެ ރިޒޯޓު ފަތުރުވެރިން އިން ފުރި، ވިލިނގިލި ރިޒޯޓްވެސް ހުޅުވި ފުރިހަމަވެ، އައްޑުއަތޮޅުގެ އިޤްތިޞާދަށް ދިރުން އައިސް، މާލެ ސަރަޙައްދު ފަދަ ސަރަޙައްދަކަށް އައްޑުއަތޮޅު ވެގެންދާނެ ކަމުގެ ތަސައްވުރެވެ. އަޅުގަނޑުމެން އެދުވަހު ގޮވަމުން ދިޔައީ "އަފިރިންގެ ހުވަފެން އަދަ ޙަޤީޤަތަކަށްވެގެ!"
އެމް.ޓީ.ޑީ.ސީ އިން ހެރެތެރެ ހިންގަން ފެށުމުން މަޑުމަޑުން ނަމަވެސް އަޅުގަނޑުމެންގެ އުއްމީދުތައް ޙާޞިލުވާން ފެށިއެވެ. ރަށުން ބޭރުގައި، އާއިލާއާއި ދުރުގައި މަސައްކަތް ކުރަމުން ދިޔަ އަތޮޅުގެ ދަރިން އެނބުރި އެބައިމީހުންގެ އާއިލާތަކަށް ރުޖޫޢަ ވާން ފެށިއެވެ. ފަޅުވެފައިހުރި ގޭގެއަށް މަޑުމަޑުން ނަމަވެސް ދިރުން އަންނަން ފެށިއެވެ. ޒުވާނުން އައްޑުއަތޮޅުގައި ތިބުމުގެ އުއްމީދު އާލާވެ ފަތުރުވެރިކަމުގެ ތަމްރީނުތައް ހޯދުމަށް ޝައުޤުވެރިވިއެވެ. ކުރާނެ ވިޔަފާރިއެއް ނެތިފައި ތިބި މީހުން އިތުރު ވިޔަފާރިތައް ކުރުމަށް ލޯނު ނަގައިގެން މަސައްކަތް ފެށިއެވެ. ނަމަވެސް ހިތާމައަކީ މާލަސްތަކެއްނުވެ، ހެރެތެރެ އަމިއްލަ ފަރާތަކާއި ހިންގަން ޙަވާލުކުރުމުން މިދެންނެވި އުއްމީދުތައް ޙާޞިލުވުމުގައި ހިޔަނި އެޅެން ފެށިގެން ދިޔަކަމެވެ. ހެރެތެރޭގެ ހިންގުން ރަގަޅު ނޫންކަމުގެ ވާހަކަތަކާއި، މުވައްޒަފުންނަށް މުސާރަ ލިބުން ދަތިވުމުގެ ވާހަކަތަކާއި، އަދި ހެރެތެރޭގައި އަޚްލާޤީ ފެންވަރުދަށް އަމަލުތައް ދިވެހިންގެ ކިބައިން ފެނިގެންދާކަމުގެ އަޑުތައް އަހަމުންދިޔައީ ހިތާމަޔާއި އެކުއެވެ. ކުރަމުން ދިޔަ އުއްމީދުތައް ވިއްސިވިހާލިވެގެން ދާކަމުގެ އިޙްޞާޞްތައް ކުރެވެން ފެށިއެވެ. ގަމުން އިގިރޭސިން ފައިބާ ގަން ފަޅުވި ފަދައިން ހެރެތެރެ ބަންދުކޮށް ކުރިން އެކުރި ކަހަލަ ހިތި ތަޖުރިބާއަކަށް ރުޖޫޢަ ވާންޖެހިދާނެ ކަމުގެ ބިރު، ހިތައް ވަންނަން ފެށިއެވެ. ކަން މިހެން ވެފައި އޮތްވާ ދެން މިލިބުނީ އެމް.ޓީ.ޑީ.ސީ އިން ހެރެތެރެ މިހާރު ހިންގަން ޙަވާލުކޮށްފައިވާ ފަރާތުން ވަކިކުރި ޚަބަރެވެ.
އާދެ! މިދެންނެވި ޚަބަރަކީ އައްޑުއަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާ ޚަބަރެއް ނޫނެވެ. އެކަކު އަތުން އަނެކަކު އަތުން ހެރެތެރެ ފުރޮޅެމުން ދިޔުމަކީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫނެވެ. ހެރެތެރެއަކީ ކުޅޭ ކުޅޭ ރިޒޯޓަކަށް ވުމަކީ އައްޑުއަތޮޅުގެ ފަތުރުވެރިކަމުގެ މުސްތަޤްބަލް އޮޔާލާން ދޫކޮށްލުން ފަދަކަމެކެވެ. އެހެން ނަމަވެސް މިދެންނެވި ޚަބަރުގެ ސަބަބުން އުއްމީދުތަކެއް އާލާވާންވެސް ވަނީ ފަށާފައެވެ. ސަބަބަކީ ހެރެތެރެ މިހާރު ކުއްޔަށް ހިފާފައިވާ ފަރާތުން އެރިޒޯޓް ހިންގަމުން ގެންދިއުމަކީ އެފަރާތަށް ނުކުރެވޭނެ ކަމެއްކަމަށް ފެންނާތީއެވެ. މިއީ އެފަރާތައް ބަދުބަހެއް ބުނާކަށް އަޅުގަނޑުމެން ބުނާ ބަހެއް ނޫނެވެ. އެހެން ނަމަވެސް އައްޑުއަތޮޅަށް ހެޔޮ އެދޭ ހަމަ ކޮންމެ ދަރިއަކުވެސް ބޭނުންވާނީ، މޮޅަށް ފުރިހަމައަށް ހެރެތެރެ ހިންގޭނޭފަދަ ޤާބިލް ބައެއްގެ އަތްމަތީގައި ހެރެތެރެ ހިންގަން ފަށާނެ ދުވަހެއް ދުށުމެވެ. ވީމާ، އެމް.ޓީ.ޑީ.ސީ އިން އެ ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން މަރުހަބާ ކިޔާ ކަމެކެވެ. އެކަމަކު ދެން އެމް.ޓީ.ޑީ.ސީ އިން ހެރެތެރެ ހިންގަން އެހެން ފަރާތަކާ ޙަވާލުކުރާނަމަ އެފަރާތެއް ވާންވާނީ ދިގުމުއްދަތަކަށް ހެރެތެރެ ހިންގޭނޭފަދަ ޤާބިލް ބަޔަކަށެވެ.
ވީމާ، އަޅުގަނޑުމެންގެ އާދޭހަކީ ދިވެހި ސަރުކާރުން ހެރެތެރެ އަށް ދިމާވެފައިވާ މިހާލަތުން ހެރެތެރެ މިންޖުކޮށް، އެމް.ޓީ.ޑީ.ސީ އިން ނުވަތަ ސަރުކާރަށް އިތުބާރު ކުރެވޭ ސަރުކާރުގެ ޙިއްޞާ އޮންނަ ކުންފުންޏަކުން ހެރެތެރެ ހިންގަވައި ދެއްވުމެވެ. އައްޑުއަތޮޅުގެ ފަތުރުވެރިކަން އޮޔާދާން ސަރުކާރުން ދޫކޮށްނުލެއްވުމެވެ. ދިވެހި ރާއްޖޭގެ ކޮންމެ ސިޔާސީ ޕާޓީއަކުންވެސް އަދި އައްޑުއަތޮޅު ނިސްބަތްވާ ކޮންމެ މުއައްސަސާ އަކުންވެސް، އަދި އައްޑުއަތޮޅުގެ މަދަނީ ޖަމްއިއްޔާތަކުންވެސް އައްޑޫ ރައްޔިތުންގެ މިއާދޭހަށް އިޖާބަ ދެއްވުމަށް އަޅުގަނޑުމެން އެދެމެވެ. އައްޑުއަތޮޅުގެ ރައްޔިތުންގެ ޝުޢޫރުތައް ފާޅުކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަން މިހާރުވަނީ ފަށާފައެވެ. މިކަމަށް ތިޔަ އިއްޒަތްތެރި ލޮބުވެތި ރައްޔިތުން އެހީތެރިވެދެއްވާނެކަމަށް ޤަބޫލުކުރަމެވެ.
ހެރެތެރެ ރަގަޅުބަޔަކާއި ޙަވާލުވެ ހިންގަން ފަށައި، ވިލިނގިލިވެސް ހުޅުވި، ހަންކެޑެވެސް ހުޅުވި އަދި އައްޑުއަތޮޅަށް ކުރީގެ ސަރުކާރުން ވައުދުވެވަޑައިގެންފައިވާ ޔޮޓްމެރީނާވެސް ހުޅުވި، އަދި މިހާރުގެ ސަރުކާރުން ވައުދުވެވަޑައިގެންފައިވާ މަސްފެކްޓްރީވެސް ހުޅުވި، އަޅުގަނޑުމެންގެ އިންޓަނޭޝަނަލް އެއަރޕޯޓްގެވެސް ފުރިހަމަ ބޭނުންކުރެވި، އިޤްތިޞާދީ ތަނަވަސްކަން އަންނަން ފެށުމުން އަޅުގަނޑުމެންނަށް ބޭނުންވާ ނަރުދަމާގެ ނިޒާމާއި ބޯހިޔާވަހިކަމާއި، އިޖުތިމާއީ ތަރައްޤީއާއި އެކުއެކީގައި ފުރިހަމަވެގެންދާނޭކަން ޔަޤީނެވެ.
އައްޑުއަތޮޅަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ އެންމެ މުހިންމު އެއް ބައިވެރިޔާއެވެ. އައްޑުއަތޮޅު ހެރެތެރެ އަކީ އެ އިޤްތިޞާދީ ތަރައްޤީ ފެށުމުގެ އެއް އިންޖީނެވެ. މި އިންޖީނު މިހާރު މިއޮތްގޮތަށްއޮވެ، ފަނާވެދިޔަ ނުދެއްވާށެވެ. މިއީ އަޅުގަނޑުމެންގެ އާދޭހެވެ.
މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ ވިސްނުންދެއްވައި ދިވެހިރާއްޖެއާއި އައްޑުއަތޮޅަށް ފާގަތިކަމާއި ތަނަވަސްކަން ދެއްވާށި!
Friday, 23 January 2009
އައްޑޫ ރައްޔަތުންގެ އާދޭސް..!!!
Subscribe to:
Posts (Atom)